Thursday, October 16, 2008

ރާއްޖެއަށް ތަރައްގީ އައިސްފައިނުވާކަމަށް ދިވެހިން ބުނާބުނުން ހެކިދެން 30 އަހަރުގެ ކާމިޔާބު ތަރައްގީއަށް – ނިހާން

16 އޮކްޓޫބަރު 2008 (ބުރާސްފަތި)

މާލެ، ދިވެހިރާއްޖެ – ރާއްޖެއަށް ތަރައްގީ އައިސްފައިނުވާ ކަމަށް ދިވެހިން ބުނަމުންދާ ބުނުން ހެކިދެނީ ވޭތުވެދިޔަ 30 އަހަރުގެ ކާމިޔާބު ތަރައްގީކަމުގައި ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ) ގެ މީޑިޔާ ކޯޑިނޭޓަރ އަހުމަދު ނިހާން ވިދާޅުވެއްޖެއެވެ

ކެޕިޓަލް ރޭޑިޔޯގެ ސިޔާސީ ޕްރޮގްރާމްގައި ރޭ ވާހަކަދައްކަވަމުން ނިހާން އިތުރަށް ވިދާޅުވީ ތަރައްގީއާއި ތަހުޒީބުގެ ގޮތުން ރާއްޖެ ކުރިއަރާފައިނުވާ ކަމަށް ބަޔަކު މީހުން މިއަދު އަޑުއުފުލަމުންދިޔަ ނަމަވެސް، މިއީ މީގެ 4 ވަރަކަށް އަހަރުކުރިން އަޑުއިވިފައިވާ ވާހަކަތަކެއްނޫންކަމަށާއި، މިއަދު އެފަދަ ވާހަކަތަކެއް ދައްކަނީ ގައުމަށް އައިސްފައިވާ ތަރައްގީ ސިފަކުރުމަށް ފުރުސަތު ލިބިފައިވާތީކަމަށެވެ

ރިޔާސީ އިންތިހާބުގެ 2 ވަނަ ބުރަކަށް ޑީއާރުޕީގެ ރިޔާސީ ކެންޑިޑޭޓް އަލްއުސްތާޒު މައުމޫން އަބްދުލްގައްޔޫމް ހޮވިވަޑައިގެންފައިވާއިރު، އިދިކޮޅު ފަރާތްތައް ގުޅިގެން މައުމޫން މިއިންތިހާބުން ބަލިކުރެއްވުމަށް ނުކުންނެވި ނުކުންނެވުމަށް ރައްދުދެއްވަމުން ނިހާން ވިދާޅުވީ މިއަދު އިއްތިހާދެއް ހަދައިގެން އުޅޭ އިދިކޮޅު ފަރާތްތަކަކީ، މީގެ ކުރިން ވެސް އެފަދަކަމެއް ކުރައްވަން އުޅުއްވައި، އެއިން ފެއިލްވެލައްވާފައިވާ ބަޔެއްކަމުގައެވެ. އަދި އިދިކޮޅު އެކި ހިޔާލުގެ އެކި ފަރާތްތައް އެކުވިޔަސް އެމީހުން އިއްތިހާދެއްގެ ގޮތުގައި ކުރިއަށް ދިޔުމަށް ފަސޭހަ ނުވާނެކަމަށް ވެސް ހާމަކުރެއްވިއެވެ

އިތުރަށް ނިހާން ވިދާޅުވީ އިދިކޮޅު ފަރާތްތަކުން މިއަދު ދަނީ މީޑިޔާ މެދުވެރިކޮށް ކާމިޔާބު ޓްރެކް ރެކޯޑެއް އޮތް ބޭފުޅެއްގެ ކާމިޔާބު ސިޔާސަތުތައް ކިލަނބުވާފަދަ ގޮތަކަށް ވާހަކަދައްކަވަމުންކަމަށާއި ސާބިތު ނުހިފޭ ވާހަކަތަކެއް ދެއްކެވުމުގެ ކުރިން އެފަދަ ވާހަކަތަކެއް ރައްދުވަނީ ކޮންބަޔަކަށްތޯވެސް ވިސްނާލަން ޖެހޭ ކަމުގައެވެ. އަދި މައުމޫން ނޫން އެހެން ބޭފުޅަކު މީހަކު ގައުމުގެ ޒައާމަތާއި ހަވާލުވެވަޑައިގެންފިނަމަ ރާއްޖޭގައި މާތްވެގެންވާ އިސްލާމްދީން ނޫން އެހެން ދީންތަކަށް ފުރުސަތުތައް ލިބޭނެކަމަށް ވެސް ވިދާޅުވިއެވެ

No comments: