Thursday, October 16, 2008

މިފަހަރުގެ އިންތިހާބު ގުޅިފައިވަނީ ހަމައެކަނި ކެންޑިޑޭޓުންނަކަށް ނޫންކަމަށާއި، އޭގެ އިތުރުން އެއީ، ދިވެހިރާއްޖޭގެ މުސްތަގުބަލާއި، ހަމަޖެހުމާއި، ގުޅިފައިވާ ކަމެއްކަމުގައި މައުމޫން ވިދާޅުވެއްޖެ

15 އޮކްޓޫބަރު 2008 (ބުދަ)

ރައީސް މައުމޫން ރޭގެ ބައްދަލުވުމުގައި

މައުމޫން ރޭގެ ބައްދަލުވުމުގައި

މާލެ، ދިވެހިރާއްޖެ – މިފަހަރުގެ ރިޔާސީ އިންތިހާބަކީ، ހަމައެކަނި 2 ކެންޑިޑޭޓުންނާއި ގުޅިފައިވާ އެއްޗެއް ނޫންކަމަށާއި، އޭގެ އިތުރަށް އެއީ، ދިވެހިރާއްޖޭގެ މުސްތަގުބަލާއި، ހަމަޖެހުމާއި، ގުޅިފައިވާ ކަމެއްކަމުގައި ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ) ގެ ޒައީމް އަދި ރިޔާސީ ކެންޑިޑޭޓް އަލްއުސްތާޒު މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ

އެމަނިކުފާނު މިހެން ވިދާޅުވީ، ދިވެހިރާއްޖޭގެ ކުޅިވަރުގެ ދާއިރާގައި ހަރަކާތްތެރިވެވަޑައިގަންނަވާ ބޭފުޅުންނާއި ބައްދަލުކޮށްލެއްވުމަށް، މިރޭ، ދަރުބާރުގޭގައި ބޭއްވެވި ހާއްސަ ހަފްލާއެއްގައި ވާހަކަފުޅުދައްކަވަމުންނެވެ

ރޭގެ ބައްދަލުވުމަށް ވަޑައިގެންނެވި ބޭފުޅުން

ރޭގެ ބައްދަލުވުމަށް ވަޑައިގެންނެވި ބޭފުޅުން

މިމޭރުމުން އެމަނިކުފާނުގެ ވާހަކަފުޅު ކުރިއަށް ގެންދަވަމުން، މީގެ ކުރިން އިދިކޮޅު ފަރާތްތަކުން ރާއްޖޭގެ މަގުތައްމަތީ ހަމަނުޖެހުންހިންގައި، ޑިމޮކުރަސީ ގެނައުމުގެ ނަމުގައި ހަލަބޮލިކަމާއި ނާމާންކަމުގެ ތެރެއަށް ގައުމު ވައްޓާލި ވައްޓާލުން ވަރަށް ބޮޑަށް ކުށްވެރިކުރެއްވިއެވެ. އަދި އެފަދަ ކަންތައްތަކަކީ، ގައުމުގެ ކުރިއެރުމާއި ތަރައްގީއަށް ހުރަސްއަޅާނެ ކަންކަންކަމުގައި ވެސް އެމަނިކުފާނު ވިދާޅުވިއެވެ

ސިރީލަންކާ

ކުޅިވަރުގެ އެކިއެކި ދާއިރާތަކުން ދިވެހިރާއްޖޭގައި ނަންހިނގާ 200 އެއްހާ ކުޅުންތެރިންނާއި މުހާތަބުކޮށް މިރޭ އެމަނިކުފާނު ދެއްކެވި ވާހަކަފުޅުގައި، ގައުމުގެ ހަމަޖެހުމާއި އަމާންކަން ގެއްލުމުގެ ނަތީޖާއެއްގެ ގޮތުން ތަރައްގީއަށް ހުރަސް އެޅިފައިވާ ސިރީލަންކާ މިސާލެއްގެ ގޮތުން ނެންގެވިއެވެ. އަދި އެގައުމަކީ، ގުދުރަތީ މުއްސަނދިކަން ބޮޑު، އިންސާނީ ވަސީލަތްތަކާއި، ހުނަރުވެރި، މޮޅެތި މީހުން ގިނަ ގައުމެއްކަމަށާއި، އެކަމުގެ ސަބަބުން ކުރިން ހަލުވިކަމާއިއެކު ތަރައްގީވަމުން ދިޔަ ގައުމެއްކަމުގައި ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އެހެންނަމަވެސް، 1984 ވަނަ އަހަރު އެގައުމުގެ ސަރުކާރާއި ދެކޮޅަށް ތަމަޅައިން ނުކުމެ، ގައުމުގައި ހިންގަން ފެށި ދާހިލީ ހަމަނުޖެހުންތައް ހިންގައި، އެކަން ބޮޑު ހަނގުރާމައަކަށް ބަދަލުވެގެން ދިޔުމުގެ ސަބަބުން، އެގައުމުގެ ތަރައްގީ ހުއްޓިފައިވާކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އަދި އަޅުގަނޑުމެންގެ ގައުމަށް މިހާލަތު އަޔަނުދިނުމަށްޓަކައި މިފަހަރުގެ ވޯޓަކީ ވަރަށް މުހިންމު އެއްޗެއްކަމުގައި ވެސް އެމަނިކުފާނު ހާމަކުރެއްވިއެވެ

ރާއްޖޭގެ ކުޅިވަރު

މިބައްދަލުކޮށްލެއްވުމުގައި، ދިވެހިރާއްޖެއަކީ ބައެއް ކުޅިވަރުތަކުގައި މިސަރަހައްދުގައި ވެސް ފާހަގަކޮށްލެވޭވަރުގެ ރަންވަނަތައް ހޯދާފައިވާ ގައުމެއްކަމަށާއި، ދިވެހި ކުޅުންތެރިންވަނީ ބައިނަލްއަގުވާމީ ދަނޑުގައި ފަހުރުވެރި ކާމިޔާބީތައް ވެސް ހާސިލުކޮށްފައިކަމުގައި ޑީއާރުޕީގެ ރިޔާސީ ކެންޑިޑޭޓް މައުމޫން ހާމަކުރެއްވިއެވެ

އެގޮތުން ނިމިގެން ދިޔަ 7 ވަނަ ސައުތު އޭޝިޔަން ފުޓުބޯލް ފެޑަރޭޝަން (ސާފް) ޗެމްޕިއަންޝިޕުގައި، މިސަރަހައްދުގެ އެންމެ ވަރުގަދަ ގައުމުކަމުގައިވާ އިންޑިޔާ ބަލިކޮށް، ރާއްޖޭގެ ގައުމީ ޓީމު މުބާރާތް ކާމިޔާބު ކުރި ކުރުމަކީ މުޅި ދުނިޔެ ހައިރާންކުރުވިކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ދުނިޔޭގެ 45 ގައުމު ވާދަކުރާ ބޮޑީ ބިލްޑިންގ ޗެމްޕިއަންޝިފުގައި ބައިވެރިވުމަށް އިންޑޮނީޝިޔާގެ ބާލީއަށް މިއަދު ފުރި ރާއްޖޭގެ ބޮޑީ ބިލްޑިންގ ޓީމާއި އެމަނިކުފާނު ބައްދަލުކޮށްލެއްވިކަމުގައި ވެސް ވިދާޅުވިއެވެ

އެމަނިކުފާނުގެ ވާހަކަފުޅު ކުރިއަށް ގެންދަވަމުން، މިކަންތައްތަކުން އެނގެނީ ދިވެހި ސަރުކާރުން މިހާތަނަށް ގެންގުޅުއްވާފައިވާ ކުޅިވަރުގެ ސިޔާސަތުގެ ފުރިހަމަކަން ކަމުގައި އެމަނިކުފާނު ހާމަކުރެއްވިއެވެ

މިރޭގެ ބައްދަލުވުމުގައި، ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެމަނިކުފާނު ހޮވިވަޑައިގެންފިނަމަ، އެމަނިކުފާނުގެ ރިޔާސީ އަމާޒު (މެނިފެސްޓޯ) ގައިވާ ކުޅިވަރާއި ގުޅޭ ވައުދުތަކުގެ މައްޗަށް އެމަނިކުފާނު އަލިއަޅުވާލެއްވެވިއެވެ. އެގޮތުން ކުޅުންތެރިން ހުނަރުވެރިކުރުމަށްޓަކައި ‘ސެންޓަރ ފޯ އެކްސެލެންސް އިން ސްޕޯރޓްސް’ ގެ ނަމުގައި އިދާރާއެއް އުފައްދަވާނެކަމަށާއި، ކުޅިވަރު ދަނޑުތައް ވެސް ހައްދަވައިދެއްވާނެކަމަށާއި، ކުޅުންތެރިންނަށް ތަމްރީނާއި ތައުލީމުގެ ވަސީލަތްތައް ވެސް އިތުރުކޮށްދެއްވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އަދި ފުޓުބޯޅައާއި ފުޓްސަލްގެ އިތުރުން މޫދު ކުޅިވަރުތައް އިތުރަށް ތަރައްގީކުރައްވާނެކަމުގައި ވެސް ހާމަކުރެއްވިއެވެ

މިހަފްލާގައި ރިޔާސީ ކެންޑިޑޭޓުގެ އިތުރުން އެމަނިކުފާނުގެ ރަނިންގ މޭޓް އަހުމަދު ތަސްމީން އަލީއާއި، ކުޅިވަރާއި ބެހޭ ވަޒީރާއި، އެހެނިހެން ވަޒީރުންނާއި، ސަރުކާރާއި ޑީއާރުޕީގެ އިސްވެރިން ބައިވެރިވެވަޑައިގަތެވެ

No comments: