Thursday, October 16, 2008

ސިޔާސީ ޑީލެއްގެ ދަށުން ދައުރު ފުރިހަމަނުކޮށް އެހެން މީހަކަށް ވެރިކަންދިނުމަށް ވައުދުވުމަކީ ރައްޔިތުންނަށްވެވޭ ބޭއިންސާފެއްކަމުގައި ރަނިންގ މޭޓް ވިދާޅުވެއްޖެ

16 އޮކްޓޫބަރު 2008 (ބުރާސްފަތި)

އަހުމަދު ތަސްމީން އަލީ

އަހުމަދު ތަސްމީން އަލީ

މާލެ، ދިވެހިރާއްޖެ – ކުރިޔަށް އޮތް ރިޔާސީ އިންތިހާބު ކާމިޔާބުކުރައްވައިގެން ރައީސުލްޖުމްހޫރިއްޔާކަމުގެ މަގާމާއި ހަވާލުވެވަޑައިގަންނަވާ ބޭފުޅަކު ވެރިކަމުގެ ދައުރު ހަމަނުކޮށް، އެހެން މީހަކާ ވެރިކަން ހަވާލުކުރުމަށް ސިޔާސީ ޑީލެއްގެ ދަށުން ވެވޭ ވައުދަކީ ރައްޔިތުންނަށްވެވޭ ވަރަށް ބޮޑު ބޭއިންސާފެއް ކަމަށް ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ) ގެ ރަނިންމޭޓް އަހުމަދު ތަސްމީން އަލީ ވިދާޅުވެއްޖެއެވެ

މިއަދު މައުމޫން 2008 ކެމްޕެއިން މީޑިޔާ އޮފީހުގައި ބެއްވުނު ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ތަސްމީން ވިދާޅުވީ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ އިއްތިހާދަށް ވެރިކަން ލިބިއްޖެނަމަ، އަލުން އިންތިހާބެއް ބާއްވައި، ވަޒީރުންގެ މަޖިލިސް ޕާޓީތަކުގެ މެދުގައި ބަހާލުމަށް އެއްބަސްވެފައިވާކަމުގެ މައުލޫމާތު ލިބިފައިވާކަމަށެވެ. އެހެންނަމަވެސް އެއީ ޒިންމާދާރުގޮތެއްގައި ރައްޔިތުންނަށް ވެރިކަން ކުރެއްވުމަށް ވެވަޑައިގެންފައިވާ ވައުދާއި ހިލާފު ކަމެއް ކަމުގައި ވެސް ތަސްމީން ވިދާޅުވިއެވެ

ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ބައެއް ކެންޑިޑޭޓުން ތާއީދުހޯދުމަށް ފައިސާ ބަހާފައިވާއިރު ޑީއާރުޕީން ވެސް ފައިސާ ބަހާފައިވޭތޯ ނޫސްވެރިޔަކު ސުވާލުކުރެއްވުމުން ރަނިންމޭޓް ވިދާޅުވީ މިކެމްޕެއިނުގައި ޑީއާރުޕީން ގަވާއިދާއި ހިލާފު އެއްވެސް ކަމެއް ކޮށްފައިނުވާނެކަމަށާއި، ފައިސާ ބެހުމަކީ ގާނޫނާއި، އިންތިހާބުގެ ގަވާއިދުތަކާއި ހިލާފު ކަމެއް ކަމަށް ވެސް ވިދާޅުވިއެވެ

މީގެ އިތުރުން، ތަސްމީން ވިދާޅުވީ އެމްޑީޕީގެ ފަރާތުން އެންމެ ފުރަތަމަ ނުކުންނެވީ ” އަނެއް ދިވެހިރާއްޖެ ” އަށް ދިއުމަށް ކަމަށާއި އެހެންނަމަވެސް މިއަދު މަސައްކަތްކުރައްވަނީ ” ވަތަން އެދޭ ގޮތަށް” ކަމަށްވާއިރު، އެމްޑީޕީއަކީ 2 ފަހަރު 2 ގޮތަށް ވާހަކަދައްކާ ބައެއްކަމުގައެވެ. އަދި އިދިކޮޅު ކިތަންމެ ބަޔަކު އެއްވި ނަމަވެސް މިއިންތިހާބު މާތް ﷲ ގެ އިރާދަފުޅާއި ލައިގެން ޑީއާރުޕީއަށް ކާމިޔާބުކުރެވޭނެކަމުގެ ޔަގީންކަން އެބައޮތްކަމަށާއި ހެޔޮގޮތުގައި ރާއްޖޭގައި ވެރިކަން ކުރައްވާނެކަމަށް ވެސް ވިދާޅުވިއެވެ

ތަސްމީންގެ ވާހަކަފުޅު ކުރިއަށް ގެންދަވަމުން، މިދުވަސްކޮޅަކީ ރިޔާސީ އިންތިހާބުގެ އެންމެ ފޯރިގަދަ ދުވަސްކޮޅަށްވެފައި، އަދި ހަމައެހެންމެ، އޯލެވެލް އިމްތިހާން ވެސް ކުރިއަށްދާ ދުވަސްކޮޅަށްވާތީ، އެއިމްތިހާނުގައި ބައިވެރިވާ ކުދިންނަށް އެއްވެސް ކަހަލަ ދައްޗެއް ކުރިމަތިނުވާގޮތަށް، ސިޔާސީ ހަރަކާތްތައް ކުރިއަށް ގެންދިޔުމަށް ހުރިހާ ސިޔާސީ ޕާޓީތަކަށް ވެސް އެމަނިކުފާނު ގޮވާލެއްވިއެވެ

No comments: