Wednesday, October 22, 2008

ކީރިތި ޤުރުއާނުގެ ދިވެހި ތަރުޖަމާގައި، ނޫނުގައި ތިއްކެއް ނެތުމުން އެއީ ވަކިމީހަކު ޤުރުއާން ބަދަލުކުރީ ކަމަކަށް ބުނެވޭނެ ޖާގައެއް ނެތް ކަމަށް ޑރ އަބްދުﷲ ދީދީ ވިދާޅުވެއްޖެ

20 އޮކްޓޫބަރު 2008، ހޯމަ، 13:30

މޫސާ ނިޒާރު (ކ)، އާތިފް އަދި ޑރ. އަބްދުﷲ ދީދީ (ވ)

މޫސާ ނިޒާރު (ކ)، އާތިފް އަދި ޑރ. އަބްދުﷲ ދީދީ (ވ)

މާލެ، ދިވެހިރާއްޖެ – ކީރިތި ޤުރުއާނުގެ ދިވެހި ތަރުޖަމާގައި، ނޫނުގައި ތިއްކެއް ނެތުމުން އެއީ ވަކިމީހަކު ޤުރުއާން ބަދަލުކުރީ ކަމަކަށް ބުނެވޭނެ އެއްވެސް ޖާގައެއްނެތްކަމަށް ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ) ގެ ދީނީ ބޭފުޅެއްކަމުގައިވާ ޑރ. އަހުމަދު އަބްދު ﷲ ދީދީ ވިދާޅުވެއްޖެއެވެ

މިއަދު މެންދުރު މައުމޫން 2008 ކެމްޕެއިން މީޑިޔާ އޮފީހުގައި ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން، ދާދި ފަހުން މިސްރުގެ އަޒުހަރު ޔުނިވަރސިޓީއިން ޕީއެޗްޑީ ހާސިލްކުރައްވައިގެން ވަޑައިގެންނެވި ޑރ. އަބްދު ﷲ ދީދީ އިތުރަށް ވިދާޅުވީ، ކީރިތި ޤުރުއާނުގެ ދިވެހި ތަރުޖަމާއަކީ ސަރުކާރުން ވަރަށް މާތް މަޤްސަދެއްގައި ކުރެއްވި މަސައްކަތްޕުޅަކަށްވާއިރު، އެތަރުޖަމާގެ ބައެއް ނުކުތާތަކެއް މަދުވި މަދުވުން އެއީ ސިޔާސީ ކަމެއްގެ ގޮތުގައި އިދިކޮޅު ފަރާތްތަކުން ހެދުމަކީ އޭނާ ވަރަށް ބޮޑަށް ހިތާމަކުރައްވާ ކަމެއް ކަމުގައެވެ. އަދި އެތަރުޖަމާގެ ބައެއް ތަންތާނގައި ނޫނުގައި ތިކި ނެތް މައްސަލައަކީ، ސިޔާސީ މަގުސަދަކަށްޓަކައި ދައްކަން ޖެހޭ ފަދަ ވާހަކައެއް ނޫންކަމަށާއި ބައެއް ނޫނުގައި ތިކި ނެތް ނަމަވެސް އެއީ މާނައާއި ތައާރުޒުވާނެ ކަމެއް ނޫންކަމަށެވެ. އޭގެ އިތުރުން، ދިވެހި ތަރުޖަމާގައި އެއްވެސް ގޯހެއް ނެތްކަމަށް ވެސް އޭނާ ވިދާޅުވިއެވެ

މިނޫސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ޑީއާރުޕީގެ އެހެން ދީނީ ބޭފުޅެއްކަމުގައިވާ އައްޝައިޚު މޫސާ ނިޒާރު ވިދާޅުވީ، މީގެ 2 ރޭ ކުރިން، އަދާލަތު ޕާޓީގެ ފަރާތުން ބޭއްވި ޖަލްސާއެއްގައި އެޕާޓީގެ ރައީސް ޝައިޚު ހުސައިން ރަޝީދު އަހުމަދު، ކީރިތި ޤުރުއާނުގެ ދިވެހި ތަރުޖަމާއަކީ ގޭގެއަށް ވައްދަން ހެޔޮވާވަރުގެ އެއްޗެއްނޫންކަމަށް ވިދާޅުވެފައިވާ ވިދާޅުވުމަށް ރައްދުދެއްވިއެވެ. އަދި އެތަރުޖަމާގައި ހުރި ކުދިކުދި މައްސަލަތައް ހައްލުކުރެއްވުމަށް ސަރުކާރުންވަނީ ވަކިގޮތްތަކެއް ނިންމަވާފައިކަމަށް ވިދާޅުވެ. ހުރިހާ ރައްޔިތުންވެސް އެތަރުޖަމާގެ ބޭނުން ފުރިހަމަ ގޮތުގައި ހިއްޕެވުމަށް ޝެއިޚު ނިޒާރު އިލްތިމާސްކުރެއްވިއެވެ

މިބައްދަލުވުމުގައި ޝައޚް ނިޒާރު އިތުރަށް ވިދާޅުވީ، ތަފާތު ޖަލްސާތަކުގައި އަދާލަތު ޕާޓީގެ ރައީސް ގެންދަވަނީ އިސްލާމްދީނުގައި ކަނޑައެޅިގެން ހަރާމްކަމެއް ކަމަށް ކަނޑައަޅުއްވައިނުވާ އެތަކެއް ކަމެއް ހަރާމްކަމެއްގެ ގޮތުގައި ބުނަމުން ކަމުގައެވެ. އެގޮތުން 2 ޖަލްސާއެއްގައި ރައީސް މައުމޫނަށް ވޯޓުދިނުމަކީ ހަރާމްކަމެއް ކަމަށް ބުނެފައިވާއިރު މިފަދަ ގޮތަކަށް ފަތުވާއެއް ނެރުމަކީ ދީނުގެ އުސޫލްތަކާއި ހިލާފުކަމެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އަދި މިފަދަ ގޮތަކަށް ވާހަކަތަކެއް ދެއްކުމުގެ ސަބަބުން ރައްޔިތުންގެ ހިތްތަކުގައި ދަނީ ސުވާލުއުފެދެމުން ކަމަށާއި، މިފަދަ ކަންތައް ތަކުރާރުވަމުންދާތީ އޭނާއާއި ދެކޮޅަށް ފިޔަވަޅުއެޅުމަށް އިސްލާމީ ކަންތައްތަކާއި ބެހޭ އެންމެ މަތީ މަޖިލީހަށް ޝައިޚް ނިޒާރު ގޮވާލެއްވިއެވެ

No comments: