Thursday, October 16, 2008

ޑީއާރުޕީގެ ރިޔާސީ ކެންޑިޑޭޓް މާލޭގެ ޓެކްސީ ޑްރައިވަރުންނާއި ބައްދަލުކުރައްވައިފި

16 އޮކްޓޫބަރު 2008 (ބުރާސްފަތި)

- މިސަރަހައްދުގެ ގައުމުތަކުގެ ތެރެއިން އެންމެ ޓެކްސީގެ ފެންވަރު ރަނގަޅު ގައުމަކީ ރާއްޖެ
- ރައީސް އެނބުރި ތީމުގެއަށް ވަޑައިގަތީ ޓެކްސީއެއްގައި

މައުމޫން ޓެކްސީއަށް އަރާވަޑައިގަންނަވަނީ

މައުމޫން ޓެކްސީއަށް އަރާވަޑައިގަންނަވަނީ

މާލެ، ދިވެހިރާއްޖެ -– ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ) ގެ ޒައީމް އަދި ރިޔާސީ ކެންޑިޑޭޓް އަލްއުސްތާޒު މައުމޫން އަބްދުލްގައްޔޫމް، މާލޭގައި ޓެކްސީ ޑްރައިވަރުންނާއި ބައްދަލުކުރައްވައިފިއެވެ

ދަރުބާރުގޭ ހަކުރާ މާލަމުގައި ރޭ ބޭއްވެވި މިބައްދަލުކޮށްލެއްވުމުގައި ވާހަކަފުޅުދައްކަވަމުން މައުމޫން ވިދާޅުވީ މިވޭތުވެދިޔަ އަހަރުތަކުގައި ދިވެހިރާއްޖެއަށް މިއައި ކުރިއެރުމުގައި ޓެކްސީ ޑްރައިވަރުންގެ ހިއްސާ ވެސް ވަރަށް ބޮޑުކަމަށާއި، މިސަރަހައްދުގެ ގައުމުތަކުގެ ތެރެއިން އެންމެ ފެންވަރު ރަނގަޅު ގޮތަކަށް މިހިދުމަތް ދެވޭ ގައުމަކީ ދިވެހިރާއްޖެކަމަށެވެ. އަދި ޓެކްސީ ޑްރައިވަރުންނަކީ، ހަބަރުތައް ފެތުރުމުގައި ވަރަށް އިސްދައުރެއް އަދާކުރައްވާ ބައެއް ކަމަށާއި، އެހެންނަމަވެސް އިވިވަޑައިގަންނަވާ ކޮންމެ އަޑެއް ފެތުރުއްވުމުގެ ކުރިން އޭގެ ހަގީގަތް ބެއްލެވުމަށް ވެސް އެމަނިކުފާނު އިލްތިމާސް ކުރެއްވިއެވެ. ހަމަ އެހެންމެ، ދޮގުތެދު ބެއްލެވުމެއްނެތި، ވާހަކަ ފެތުރުމާއި މެދު އިސްލާމްދީނުގައި އޮންނަ ގޮތުގެ މައްޗަށް ވެސް އަލިއަޅުވާލެއްވިއެވެ

މިބައްދަލުވުމަށް ވަޑައިގެންނެވި ޓެކްސީ ޑްރައިވަރުން

މިބައްދަލުވުމަށް ވަޑައިގެންނެވި ޓެކްސީ ޑްރައިވަރުން

ޓެކްސީ ޑްރައިވަރުންނާއި އެކުގައި ޑީއާރުޕީގެ ރިޔާސީ ކެންޑިޑޭޓް މިބޭއްވެވި ބައްދަލުކޮށްލެއްވުމުގައި ދިވެހިރާއްޖޭގެ ތައުލީމީ ދާއިރާއާއި، ސިއްހީ ދާއިރާއާއި، ފަތުރުވެރިކަމުގެ ދާއިރާއަށް އަދި އެނޫންވެސް ދާއިރާތަކަށް ވޭތުވެދިޔަ ދުވަސްތަކުގައި އައިސްފައިވާ ބޮޑު ކުރިއެރުމާއި ބެހޭގޮތުން ވެސް އެމަނިކުފާނު ވާހަކަފުޅުދެއްކެވިއެވެ. އަދި އެމަނިކުފާނުގެ ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދެއްވާ އެއްކަމަކީ ދިވެހިރާއްޖޭގައި އިސްލާމްދީން ހިމާޔަތްކުރެއްވުމަށްކަމަށާއި، ބޭރުގެ ފަރާތްތަކާއި ގުޅިގެން ރާއްޖޭގައި ނަސާރާދީން ފެތުރުމަށް އިދިކޮޅު ފަރާތްތަކުން ކުރައްވާ މަސައްކަތްތައް ކާމިޔާބުވިޔަ ނުދެއްވާނެކަމުގައި ވެސް ވިދާޅުވިއެވެ

ޓެކްސީ ޑްރައިވަރުންނާއި ވަކިވަކިން ވެސް ބައްދަލުކުރެއްވި

ޓެކްސީ ޑްރައިވަރުންނާއި މައުމޫން ސަލާމްކުރައްވަނީ

ވަރަށް އެކުވެރި މާހައުލެއްގައި ބޭއްވުނު މިބައްދަލުކޮށްލެއްވުމަށްފަހު، ޑީއާރުޕީގެ ރިޔާސީ ކެންޑިޑޭޓް އެނބުރި ވަޑައިގަތީ ވެސް ޓެކްސީއެއްގައެވެ. އެއީ، ނަމްބަރު T4200 ޓެކްސީއެވެ

No comments: